ރާއްޖޭގައި ޔުނިވާސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު އެކުލަވާލައިފި

ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން، ޔުނިވާސިޓީތައް ރަޖިސްޓްރީކުރުމާއި، ހިންގުމާއި، އުވައިލުމުގައި އެއް މިންގަނޑަކުން އަމަލުކުރާނެ ގަވާއިދު މަތީ ތައުލީމާ ބެހޭ މިނިސްޓްރީން ވަނީ އެކުލަވާލައިފައެވެ.

ގާނޫނަށް ގެނެވުނު އިސްލާހާއެކު، ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި 15 އަހަރު ހިންގާފައިވާ މަރުކަޒުތަކަށް ނުވަތަ ބޭރު ގައުމެއްގައި ޔުނިވާސިޓީއެއްގެ ގޮތުގައި މަދުވެގެން 10 އަހަރު ހިންގާފައިވާ ތަންތަނަށް ރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ލިބެއެވެ. (ކުރިން އޮންނަ ގޮތުން ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރެވެނީ 20 އަހަރު ހިންގުމަށްފަހުއެވެ.)

ޔުނިވާސިޓީއަކަށް ބަދަލުވުމަށް ފުރިހަމަވާންޖެހޭ މުހިންމު ޝަރުތުތަކުގެ ތެރޭގައި:

  • ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އާއި ލެވެލް 9 ގެ މަދުވެގެން 3 ދާއިރާއަކުން ކޯސްތައް ހިންގުން.

  • ލެވެލް 7 އިން މަތީގެ ކޯސްތަކުގައި މަދުވެގެން 1,000 ދަރިވަރުން ކިޔަވަމުންދިއުން.

  • ބައިނަލްއަގުވާމީ ޔުނިވަރސިޓީ ރޭންކިންއެއްގައި ބައިވެރިވެފައިވުމާއި، ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރަންސް ޖަމާއަތެއްގައި މަދުވެގެން 5 އަހަރު މެންބަރެއްގެ ގޮތުގައި ހޭދަކޮށްފައިވުން.

  • ބޭރުގެ ޔުނިވާސިޓީތަކާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް ހިންގުމުގެ ތަޖުރިބާ ހުރުން.

  • އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް