ކުރީގެ ރައީސް މުހައްމަދު ނަޝީދު 1990ގެ އަހަރުތަކުގައި ލިޔުއްވާފައިވާ ކުރުވާހަކަތައް ހިމެނޭ "ކުރުވާހަކަ - 80ގެ ފަހުކޮޅު" ފޮތް ނެރުމަށް ނިންމައި، ޕްރީއޯޑާ ކުރުމަށް އޯޝަން ޕަބްލިޝާސްއިން ވަނީ ހުޅުވާލާފައެވެ. 250 ރުފިޔާއަށް ވިއްކާ މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.
މި ފޮތުގައި "ޗާލާ ޒަމާން"، "ގައުމީ މަޝްރޫއު"، "ރީތި ހަދިޔާ"، އަދި "މޫސަބަރު" ފަދަ ވާހަކަތައް ހިމެނޭއިރު، މައިގަނޑު ކެރެކްޓަރަކީ "ހަސަން ކުރުސީ" އެވެ. ނަމަވެސް އެއީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ހަސަން ކުރުސީ ނޫން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ފޮތުގެ އިޝްތިހާރުގައި، ފޮތް ނެރެނީ އަތްމަތި ދަތިވެ އިތުރު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ކަމަށް ސަމާސާ ގޮތަކަށް ނަޝީދު ލިޔުއްވާފައިވެއެވެ. ނަޝީދަކީ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިންވެސް ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ތެރޭގައި އުޅުއްވި، އަދި ތާރީޚީ ގިނަ ފޮތްތަކެއް ޝާއިޢުކުރައްވާފައިވާ ބޭފުޅެކެވެ.





