ސައިކަލު މަޑި ދަށުން ވަގަށް ނެގި ފައިސާ-- ފޮޓޯ: ފުލުހުން

މާލޭ ފަތާ ޓްރެކް ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި 150،000 ރުފިޔާގެ ތެރެއިން 95،000 ރުފިޔާ ހޯދައިދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ.

ސީސީޓީވީ ފުޓޭޖް ބަލައިގެން ތުހުމަތުކުރެވޭ މީހާ ހޯދައި ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، އޭނާ ވަނީ ފައިސާ ނެގިކަމަށް އިއުތިރާފުވެފައެވެ. އެ ފައިސާގެ ތެރެއިން އޭނާގެ އެކައުންޓަށް ޖަމާކުރި 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އިތުރު 40،000 ރުފިޔާ ވަނީ ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައެވެ.

ބާކީ 55،000 ރުފިޔާ ތުހުމަތުކުރެވޭ މީހާ ބޭނުންކޮށްފައިވާތީ، އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުންނެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް