ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯވްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ތާރީޚީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި އަމަލީ ގޮތުން ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށް ބައްލަވާލައްވައި، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ރާއްޖެއާއި ރަޝިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުކަމުގެ 60 އަހަރުގެ އަހަރީ ދުވަސް މި މަހު ފާހަގަކޮށްފައިވާއިރު، ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އެންމެ މުހިންމު އެއް ގައުމެވެ. ދެ ގައުމުގެ އިސް މަސްއޫލުވެރިންގެ މެދުގައި ބޭއްވުނު މި ބައްދަލުވުމަކީ ކުރިއަށް އޮތް ތަނުގައި އިގްތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް ދެ ގައުމުންވެސް ވަނީ ފާހަގަކޮށްފައެވެ.





