ތައިލޭންޑުގެ ވެރިރަށް ބެންކޮކްގައި ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ވެގެން ރިޕޯޓްކޮށްފައި ނުވާ ކަމަށް ތައިލޭންޑްގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި ބެންކޮކްގައި ފެންބޮޑުވުމާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން ވަނީ އެ ސިޓީގެ 50 އިދާރީ ދާއިރާއެއްގައި ކާރިސީ ޙާލަތު އިޢުލާނުކޮށްފައެވެ. މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި މިއީ އާދަޔާޚިލާފަށް ބޯކޮށް ވާރޭވެހުނު ދުވަސްވަރެކެވެ.
ރާއްޖެއިން ތައިލޭންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤް ވިދާޅުވީ، އެ ޤައުމުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި އެމްބަސީން ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އެމްބަސީގެ ހޮޓްލައިން ނަންބަރު 66967788885+ އަށް ގުޅައި އެންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.





