އެކުވެރި ދައުލަތްތަކުގެ (ޔޫއެން) 15 ވަނަ ކްރައިމް ޕްރިވެންޝަން ކޮންގްރެސްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް އައްބާސް ޝަރީފް ތިން ސެޝަނެއްގައި ތަޤުރީރުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީގައި މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރައްވާނީ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމުގެ އިތުރުން ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ވޯކްޝޮޕެއްގައެވެ. މި ވަފުދުގައި އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ސާމީވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ސެޝަންތަކުގައި ކުށާ ދެކޮޅަށް ރާއްޖެއިން ހާސިލުކޮށްފައިވާ ކާމިޔާބީތަކާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް ޕީޖީ އަލިއަޅުއްވައިލައްވާނެއެވެ. މީގެއިތުރުން ޕީޖީ އޮފީހުގެ "އީ-ދޮރޯށި" ޕޯޓަލާއި ޑިޖިޓަލް މަޝްރޫޢު "ޕީޖީއޯ 2.0" ކޮންގްރެސްގެ މަންދޫބުންނަށް ތަޢާރަފްކޮށްދެއްވާނެއެވެ.
ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ މި ކޮންގްރެސްގެ މިއަހަރުގެ މައިގަނޑު އަމާޒަކީ ޑިޖިޓަލް ޒަމާނުގައި ކުށްކުރުން ހުއްޓުވުމާއި ޢަދުލުއިންޞާފުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.





