ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގެ ކޮލިޓީ ދެނެގަތުމަށް އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މާލެ ސަރަހައްދުގައި ބަހައްޓާ 4 ސްޓޭޝަނެއް މި އަހަރު ނިމުމުގެ ކުރިން ބަހައްޓައި ނިމޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، އޭގެ ތެރެއިން އެއް ސްޓޭޝަން މިހާރު ގަލޮޅުގައި ބަހައްޓާފައިވާ ކަމަށެވެ.
މިފަހަރު ބަހައްޓާ ސްޓޭޝަންތަކުގައި، ކުރިއާ ޚިލާފަށް އާންމުންނަށް ފެންނާނެހެން އެއަރ ކޮލިޓީ ދައްކައިދޭ ޑިސްޕްލޭއެއް ހުންނާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޑިސްޕްލޭތައް ބެހެއްޓެމުންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިހާރުވެސް ރާއްޖޭގެ ސަރަހައްދުތަކުގައި މިފަދަ ސެންޓަރުތައް ގާއިމުކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ކ. ވިލިނގިލި، ށ. ފުނަދޫ، ލ. ގަން، ދ. ކުޑަހުވަދޫގެ އިތުރުން ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނޭކަމަށް ޝަރީފް ވިދާޅުވިއެވެ.
އިރުވައި މޫސުމަކީ ރާއްޖޭގެ ވައިގެ ސާފުމިން ވަރަށް ބޮޑަށް ދަށްވާ ދުވަސްވަރެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އިންޑިއަން ސަބްކޮންޓިނެންޓުގެ މަތީގައި އުފެދިފައިވާ ދުން ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާތީ ވައި ނުސާފުވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި އެންމެ މުހިންމު ކަމަކީ ވައިގެ ކޮލިޓީ ހުރި މިންވަރުގެ ސައްހަ މައުލޫމާތު ވަގުތުން ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމަށް އާންމުން ހޭލުންތެރިކުރުވުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.





