ކެންޔާއާއެކު ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ފަހުމުނާމާއެއްގައި ސޮއިކުރުން

ދިވެހިރާއްޖެއާއި ކެންޔާއާ ދެމެދު އޮތް ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އަދި ކެންޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ އަދި ކެބިނެޓް ސެކްރެޓަރީ ފޯ ފޯރިން އެންޑް ޑަޔަސްޕޯރާ އެފެއަރސް ޑރ. މުސާލިއާ މުޑަވަޑީއެވެ.

މި ފަހުމުނާމާގެ ދަށުން ދެ ޤައުމުގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި ގަވާއިދުން ސިޔާސީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އެކި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ގުޅުން އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން އުފައްދާފައިވަނީ 23 އޮކްޓޫބަރު 1995 ގައެވެ. ޚާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް