ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ހޭގްގައި ހުންނަ ކޮސޯވޯ ސްޕެޝަލިސްޓް ޗޭމްބަރުން، ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ތާޗީގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ 1998 އިން 1999 އަށް ސާބިއާއާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި ކޮސޯވޯ လިބަރޭޝަން އާމީގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެ ހިންގާފައިވާ އަމަލުތަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ތާޗީގެ މައްޗަށް ސާބިތުވި ދައުވާތަކުގެ ތެރޭގައި މީހުން މެރުމާއި، އަނިޔާކުރުމާއި، ގައިރުގާނޫނީ ގޮތުން މީހުން ހައްޔަރުކޮށްގެން އުޅުމުގެ އިތުރުން ނަސްލީ ތަފާތުކުރުންތައް ގެންގުޅުން ހިމެނެއެވެ. ޝަރީއަތުގައި ތާޗީ ވަނީ އޭނާގެ މައްޗަށް ކުރެވުނު ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށް، އޭނާ ކުރި މަސައްކަތަކީ ކޮސޯވޯގެ މިނިވަންކަމަށްޓަކައި ކުރި މަސައްކަތެއް ކަމަށް ބުނެފައެވެ. ނަމަވެސް، ކޯޓުން ވަނީ ހެކިތަކަށް ރިއާޔަތްކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ.

ކޮސޯވޯގެ ރައީސްކަމުގެ މަގާމުން 2020 ވަނަ އަހަރު ތާޗީ އިސްތިއުފާ ދެއްވީ މި މައްސަލައިގެ ދައުވާތައް އޭނާގެ މައްޗަށް އުފުލުމާ ގުޅިގެންނެވެ. މި ހުކުމާއެކު، އޭނާ ވެގެންގޮސްފައިވަނީ ބޯލްކަން ސަރަހައްދުގެ ހަނގުރާމައާ ގުޅިގެން ހުކުމް އިއްވުނު އެންމެ އިސް ސިޔާސީ އަދި އަސްކަރީ ލީޑަރުންގެ ތެރެއިން އެކަކަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް