މައްކާގައި އުމްރާގެ އަޅުކަމަށް ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ޖިއްދާ، މައްކާ އަދި ތާއިފް ފަދަ ސިޓީތަކަށް ސައުދީ ސިވިލް ޑިފެންސުން ކުއްލި އިންޒާރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. ނޭޝަނަލް އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށް މިއަދު ނެރުނު މި އިންޒާރުގައި ޖިއްދާ، މައްކާ އަދި ތާއިފްގެ އިތުރުން ޔަންބޫއާއި އަލްއުލާ ވެސް ހިމަނާފައިވެއެވެ.
ސްކޫލު ބަންދު ދުވަސްވަރާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން މި ދުވަސްވަރު މައްކާގައި އުމްރާގެ އަޅުކަން އަދާކުރަމުންދެއެވެ. ސައުދީ ސިވިލް ޑިފެންސުން ވަނީ އާންމުން ހާސްނުވެ ރައްކާތެރި އިމާރާތްތަކަށް ވަނުމަށް އިރުޝާދު ދީފައެވެ. ހުޅުވިފައިވާ ސަރަހައްދުތަކާއި ކުޑަދޮރުތަކާއި ބެލްކަނީތަކުގެ އިތުރުން ފުރާޅުމައްޗަށް ނޭރުމަށް ވެސް އަންގާފައިވެއެވެ.
މި އިންޒާރު ނެރެފައިވަނީ ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ހޫތީ ޖަމާއަތާ ދެމެދު ހަމަލާ ބަދަލުކުރުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދުވަސްތަކުގައި ހޫތީން ވަނީ ކިންގް ޚާލިދު ވައިގެ މަރުކަޒަށާއި އަބްހާ އަދި ތާއިފަށް ޑްރޯން އަދި ބެލިސްޓިކް މިސައިލްގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި 13 މީހަކަށް އަނިޔާވެފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފައިވެއެވެ.
ފަހުން ސައުދީގެ ސިވިލް ޑިފެންސުން ވަނީ މި ސަރަހައްދުތަކަށް އޮތް ނުރައްކާ ފިލައިގޮސްފައިވާ ކަމަށް ބުނެ ނެރުނު އިންޒާރުގެ ހާލަތު އުވާލާފައެވެ. ދިވެހި އުމްރާވެރިންގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުން އަންނަކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.





