ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް ބިނާކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ގދ. ނަޑެއްލާއާއި އެ އަތޮޅު ހޯނޑެއްދޫގައި އައު މިސްކިތް ބިނާކުރުމުގެ މަޝްރޫޢު އަމިއްލަ ދެ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލްއެވެ.

ނަޑެއްލާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަންއާއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޙަސަން ފަޔާޒެވެ. ދަޢުލަތުގެ ބަޖެޓުން 10.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ހޯނޑެއްދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސްއާއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދެވެ. މި މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫޢެކެވެ.

ދެ މިސްކިތުގައިވެސް ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭ ބަޔާއި، އިމާމު ކޮޓަރިއާއި ލައިބްރަރީ އަދި ޤުރުއާން ކުލާސް ހިމެނެއެވެ. އޭސީ ހަރުކުރުމުގެ އިތުރުން ސޯލަރ ސިސްޓަމް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް