އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ލިންކް ރޯޑު މަރާމާތުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ފެށޭނެކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ލިންކް ރޯޑު މަރާމާތުކުރުމުގެ މަސައްކަތް މިހަފްތާ ނިމުމުގެ ކުރިން ރަސްމީކޮށް ހަވާލުކުރެވޭނެކަމަށެވެ. އަންނަ މަސް ނިމުމުގެ ކުރިން ޢަމަލީ މަސައްކަތް ފެށި ބާރު މިނުގައި ކުރިއަށްގެންގޮސް ނިންމާލެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެންމެ އިސްކަންދެއްވަނީ މަގުގެ ހަލާކުވެފައިވާ ބައިތައް ހެދުމުގެ އިތުރަށް މައި މަގު ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުމަށްކަމަށެވެ. މި މަސައްކަތާއެކު ފޭދޫގެ ފެންބޮޑުވުމުގެ މައްސަލަ ޙައްލުވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވަނީ އައްޑޫ ލިންކްރޯޑުގެ މަސައްކަތް ކުރަމުންދަނީ ސަރުކާރުން މެޝިނަރީޒް ހޯދައިގެންކަމަށެވެ. ރަނގަޅު ފެންވަރަށް އެ މަގުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް 400 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ޚަރަދު ކުޑަކޮށް ކުރިއަށްގެންދިޔުމަށްކަމަށާއި، މަޝްރޫޢު ހަވާލުކޮށްފައިވަނީ ސީދާ ކޮސްޓް ޕްރައިޒްގައިކަމަށްވެސް ވިދާޅުވެފައިވެއެވެ.
އައްޑޫ ލިންކްރޯޑުގެ މަސައްކަތުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. މި މަޝްރޫޢު ކުރިއަށްދަނީ ހިތަދޫ، ފޭދޫ، މަރަދޫ ހިމެނޭ ގޮތަށެވެ.
އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނަގައި، ހައިވޭގެ 4 ލޭން ހިމެނޭ ސަރަހައްދުތަކުން ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.





