ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތެލާއި މައުދަން ހުރިތޯ ބެލުމުގެ ދިރާސާތައް ކުރިއަށް ގެންދާނަން: މެލޭޝިޔާ ބޮޑުވަޒީރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތެލާއި މައުދަން ހުރިތޯ ބެލުމުގެ ދިރާސާތައް ކުރިއަށް ގެންދާނަން: މެލޭޝިޔާ ބޮޑުވަޒީރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތެލާއި މައުދަން ހުރިތޯ ބެލުމުގެ ދިރާސާތައް ކުރުމުގައި މެލޭޝިއާގެ ތެޔޮ ކުންފުނި ޕެޓްރޯނަސްގެ އެހީ ހޯދުމާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުމާ ގުޅޭގޮތުން އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު އަންވަރު މިހެން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

ރާއްޖޭގެ ސަރަހައްދުގައި ތެލާއި އެހެނިހެން މައުދަންތައް ހުރިތޯ ދިރާސާކުރުމުގެ ފުރުސަތުތައް ބެލުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ޕެޓްރޯނަސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި މިފަދަ މަސައްކަތްކުރަމުން އަންނަ ވަރުގަދަ ކުންފުންޏެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކެނެޑާއިން ފެށިގެން ތުރުކުމެނިސްތާނާއި ސޫދާނާއި ޕެރޫ އަދި ބްރެޒިލް ފަދަ ގައުމުތަކުގައި ޕެޓްރޯނަސްގެ ވަރުގަދަ މަސައްކަތްތައް ކުރިއަށްދާއިރު، ރާއްޖެ އައުމަކީ އެ ކުންފުންޏަށް މާ ބޮޑު މައްސަލައަކަށް ވާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" އަންވަރު ވިދާޅުވިއެވެ.

ރާއްޖޭގައި ތެޔޮ ހުރިތޯ ދެނެގަތުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެއިރު އެ ސަރުކާރުން ވަނީ އެ މަސައްކަތް ކުރުމަށްޓަކައި ޗައިނާގެ އެހީތެރިކަން ހޯދުމަށް އެ ޤައުމާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ޕެޓްރޯނަސްއާއެކު މި ދިރާސާތަކުގެ މަޝްވަރާތައް ފެށޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައި ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް