ޕްރޮސެކިއުޓަރުން ތަމްރީނުކުރުމާއި ދިރާސާކުރުމަށް ރާއްޖެއާއި ޗައިނާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޕްރޮސެކިއުޓަރުން ތަމްރީނުކުރުމާއި ދިރާސާތައް ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓްރޭޓް (އެސްޕީޕީ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އެސްޕީޕީގެ މައި އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް ޔިންގް ޔޮންގް އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެ ޤައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލުން ރަސްމީ މަޝްވަރާތަކެއް ކުރެއްވިއެވެ. މި މަޝްވަރާތަކުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި، ޕްރޮސެކިއުޝަންގެ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި އެއްބަސްވުމެގެ ދަށުން، ޕްރޮސެކިއުޓަރުންގެ ޕްރޮފެޝަނަލް ދިރާސާތަކަށާއި ތަމްރީނުތަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ އޮނިގަނޑެއް އެކުލަވައިލެވިފައިވެއެވެ. މީގެ އިތުރުން ދެ ފަރާތުން އެއްބަސްވާ އެހެނިހެން ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މިއީ 2017 ވަނަ އަހަރުގެ މެއި މަހު ދެ އޮފީހުގެ ދެމެދުގައި ސޮއިކުރެވުނު އެއްބާރުލުމުގެ އެއްބަސްވުން އައުކޮށް، އޭގެ ބަދަލުގައި ޢަމަލުކުރަން ފެށުނު އެއްބަސްވުމެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މަޝްވަރާތަކުގައި ދެ ޤައުމުގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލުންނާއި ދެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖޭގެ ފަރާތުން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަހުމޫދު ސަލީމާއި އައިޝަތު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީޖީ ޢައްބާސް ޝަރީފް ޗައިނާގެ އެސްޕީޕީގެ ދަޢުވަތަކަށް ބެއިޖިންގަށް ވަޑައިގެންނެވީ 13 ސެޕްޓެމްބަރު 2026 ގައެވެ. މި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާނީ 18 ސެޕްޓެމްބަރު 2026 ގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް