މަދީނާގެ ސަރަހައްދުން 110 މިލިއަން ޓަނުގެ ޔުރޭނިއަމް ފެނިއްޖެ

ސަޢޫދީ ޢަރަބިއްޔާގެ މަދީނާ ސަރަޙައްދުން 110 މިލިއަން ޓަނުގެ ޔުރޭނިއަމް އަދި އަގުހުރި ނާދިރު މައުދަންތައް އެކުލެވޭ ރޯ މެޓީރިއަލް ފެނިފައިވާކަން އެ ޤައުމުގެ އެނާޖީ މިނިސްޓަރު ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސަލްމާން އިޢުލާން ކުރައްވައިފިއެވެ.

މި ބޮޑު ހޯދުން އިޢުލާން ކުރެއްވީ އޮސްޓްރިއާގެ ވިއެންނާގައި ކުރިއަށްދާ އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ޖެނެރަލް ކޮންފަރެންސްގައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މައުދަންތައް ފެނިފައިވަނީ މަދީނާ ސަރަޙައްދުގައި ކުރިއަށްދާ "ޖަބަލް ސާޔިދު" ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިޔަ ޖިއޮލޮޖިކަލް ދިރާސާތަކާއި އެކްސްޕްލޮރޭޝަން މަސައްކަތްތަކުންނެވެ.

ފެނުނު ރޯ މެޓީރިއަލްގެ ތެރޭއިން މަތީ މިންވަރަކަށް ޔުރޭނިއަމްގެ އިތުރުން، އާންމުކޮށް މަދުން ނޫނީ ނުފެންނަ އަދި ސިނާޢީ ގޮތުން ނުހަނު މުހިންމު "ރެއާ އާރތް" މައުދަންތައް ހިމެނެވެ.

މިއީ ދުނިޔޭގެ ނިސްބަތުންވެސް ތަރައްޤީކުރެވޭ އެންމެ ބޮޑު އެއް މައުދަން ކަޝްފު ކަމަށް ސަޢޫދީން ބުނެއެވެ.

މި ހޯދުމަކީ ނިއުކްލިއަރ ހަކަތަ އުފެއްދުމަށް ސަޢޫދީއިން ފަށާފައިވާ ބޮޑު މަޝްރޫޢަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސަލްމާން ވިދާޅުވި ގޮތުގައި، ސަޢޫދީގެ އަމާޒަކީ ހަމައެކަނި ޔުރޭނިއަމް ނެގުމެއް ނޫނެވެ. މަދީނާއިން ނަގާ މައުދަން ޕްރޮސެސްކޮށް ޔުރޭނިއަމް އެންރިޗްކޮށް، ރިއެކްޓަރުތަކަށް ބޭނުންވާ ފިއުލް އުފެއްދުމާ ހަމައަށް ފުރިހަމަ އަމިއްލަ ނިއުކްލިއަރ ނިޒާމެއް ޤާއިމުކުރުމަށް ސަޢޫދީއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް