Faresmaathoda elderly care

ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ބެލުމުގެ ދަށަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ގެންގޮސްފިއެވެ.

މި މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނާއި، އެ ރަށު ކައުންސިލް އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ގުޅިގެން ކުރެވުނު މަސައްކަތުންނެވެ.

މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން، އެފަރާތުގެ ހާލަތު ދުވަހުން ދުވަހަށް ގާތުން ބަލައި މޮނީޓާކުރުމުގެ މަސައްކަތް ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ވަނީ ކޮށްފައެވެ.

މިނިސްޓްރީއާ ހަވާލުކުރުމާ ހަމައަށް އެ ފަރާތުގެ ކެއިންބުއިމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީފައިވަނީ ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ފަރާތުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅޭގޮތުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް މުޙައްމަދު ސޮބާހު ވިދާޅުވީ، އެމީހާ އެ ހާލުގައި އުޅޭތާ އަހަރުތަކެއް ވެފައިވާ ކަމަށާއި އޭނާގެ ސިއްހީ ހާލަތުވެސް ރަނގަޅު ނޫން ކަމަށެވެ.

ސޮބާހު ވިދާޅުވި ގޮތުގައި، އެ މީހާގެ އުމުރު 70 އަހަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވެއެވެ. އޭނާ ދިރިއުޅެމުންދިޔައީ ގޭގައި އެކަނި ކަމަށެވެ.

އެ ރަށުން މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، އުމުރުން ދުވަސްވީ އެ މީހާގެ ދަރިންނާއި އާއިލާގެ އެހެން މީހުން ތިބި ނަމަވެސް، އެއިން އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް އޭނާއަށް ލިބެމުން ނުދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް