Police / Immigration

ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ ރައްޔިތަކު ވަނީ އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ.

މި ދެ މީހުން އަތުލައިގަނެފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ. އެމްޑީ މަސްއޫދު އަޙްމަދު ބަންދުކޮށްފައިވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުއެވެ. އަބޫ ތާހިރު ބަންދުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު އިތުރަށް ތަހުގީގު ކުރަމުންދެއެވެ. ހައްޔަރުކުރެވުނު ދެ ބިދޭސީންނާ މެދު އަޅާނެ ގާނޫނީ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވީ، ހުއްދަ ނެތި ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ޓާސްކްފޯހުން ހުޅުވާލި ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން މިހާތަނަށް 12 މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އޭގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ އިމިގްރޭޝަން ޑިޓެންޝަނަށް ގެންގޮސްފައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް