އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ކީސްޓޭޖް އެކެއް ނުވަތަ ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
އަށްވަނަ އިންޓަނޭޝަނަލް ޓީޗަރުންގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އެގޮތުން އަންނަ އަހަރު ކީސްޓޭޖް އެކެއްގެ ފޮތްތަކަށް ބަދަލު ގެންނަން ނިންމާފައިވާއިރު، ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރާ ފޮތްތަކަށް އެންމެ ފަހުން ބަދަލެއް ގެނެސްފައިވަނީ 2016 ވަނަ އަހަރުއެވެ.
ފޮތްތަކަށް ގެންނަނީ ކޮން ކަހަލަ ބަދަލުތަކެއްކަން މިނިސްޓަރު ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ. ނަމަވެސް، ފޮތްތައް ބަދަލުކުރި ނަމަވެސް ތައުލީމީ ދާއިރާއަށް ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުން ކުރާ މަސައްކަތުން ކަމަށާއި، މުހިންމީ ތުއްތު ދަރިވަރުންގެ ތައުލީމު ބައްޓަންކުރުމާ މެދު ވިސްނާ ގޮތް ކަމަށް ޝަފީއު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ސަރުކާރު ހަވާލުވިއިރު އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު 30 އާއި 40 އިންސައްތައާ ދެމެދުގައި ހުރި ނަމަވެސް، މިހާރު އެ އަދަދު 50 އިންސައްތައަށް މަތިކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލެ ވޮކޭޝަނަލް ސްކޫލުން ހުޅުވާލާ ފުރުސަތުތަކާއެކު އެ އަދަދު 60 އިންސައްތައަށް މަތިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.





