ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޑރ. އަހުމަދު ރިޔާޒް، ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އައްޔަންކުރައްވާފައިވަނީ މިދިޔަ މަހުގެ ސައުވީސް ވަނަ ދުވަހުގައެވެ.
އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކުރިން އެ ޒިންމާތައް އަދާކުރެއްވި އައިޝަތު ހަސަންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އެޑިއުކޭޝަނަލް ސައިކޮލޮޖީއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. ރިޔާޒަކީ ކުރިން ހިސާބު ޓީޗަރުކަމާއި ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) ގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމު ފުރައްވާފައިވާ ބޭފުޅެކެވެ.
ތަފާސްހިސާބުގެ ގާނޫނުގައިވާ ގޮތުން ޗީފް ސްޓެޓިސްޓީޝަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ، ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައާއި އިނާޔަތްތައް ލިބިވަޑައިގަންނަވާ މަގާމެކެވެ. މިއީ އިޖުތިމާއީ، އިގުތިސާދީ އަދި ތިމާވެއްޓާ ގުޅޭ ތަފާސްހިސާބު އެއްކޮށް ދިރާސާކުރުމުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ދައުރެކެވެ.





