ކަސްޓަމަރުންގެ ބޭންކިން މައުލޫމާތު ފޯރުކޮށްދޭނީ ބޭންކިން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުން ނުވަތަ ތަހުގީގީ އިދާރާއަކުން ރަސްމީކޮށް ލިޔުމުން އެދުމުން އެކަނި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތަރުޖަމާން މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު މިހެން ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ މީހުންގެ އެކައުންޓް ސްޓޭޓްމަންޓްތައް ހޯދަން ހޯމް މިނިސްޓްރީން ބީއެމްއެލްގައި އެދިފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ސިޓީއަކީ ސައްހަ ނޫން ފޭކް ސިޓީއެއްކަން ކަށަވަރުކޮށްދެއްވަމުންނެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ އެ ސިޓީގައި ބުނެފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތަކާއި، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ފަރާތްތަކުގެ އެކައުންޓްތަކަށް 500 ޑޮލަރަށްވުރެ މަތިން ފައިސާ ފޮނުވާފައިވާ އެކައުންޓްތަކުގެ ފާއިތުވި ހަ މަސްދުވަހުގެ ސްޓޭޓްމަންޓްތައް ހިއްސާކުރުމަށް ހޯމް މިނިސްޓްރީން އެދިފައިވާ ކަމަށެވެ.
ނަމަވެސް ބީއެމްއެލްއިން ވަނީ އެފަދަ އެއްވެސް ސިޓީއެއް ހޯމް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން ފޮނުވާފައި ނުވާކަމަށާއި، ކަސްޓަމަރުންގެ މައުލޫމާތުގެ ރައްކާތެރިކަން ގާނޫނީ އިމުގެ ތެރެއިން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދީފައެވެ.



