އެލްޖީއޭ އިންތިޚާބުގެ ނަތީޖާއިން ފެންނަނީ ސަރުކާރުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރާކަން: ރައީސް މުޢިއްޒު

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަނުކުރާ މެންބަރުން ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާއިން ފެނިގެންދަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރާކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އެލްޖީއޭގެ އިންތިޚާބު ކާމިޔާބުކުރެއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދެ މެންބަރުންނަށް މަރުޙަބާ ވިދާޅުވެ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިޚާބުވި ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (އަންހެނުންގެ ކޮމިޓީ) ރައީސުންގެ ތެރެއިން އިންތިޚާބުވި ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއަށް ރައީސް ވަނީ މަރުޙަބާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުދީ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވި  ކައުންސިލަރުންނަށާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކުރުމުގައި ޕާޓީގެ ލީޑަރޝިޕާއި، މަޖިލިސް މެންބަރުންގެ އިތުރުން އެންމެހާ ފަރާތްތަކުން ކުރި މަސައްކަތްޕުޅު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭ ބޯޑަށް އިންތިޚާބުކުރާ 3 މެންބަރުންގެ ތެރެއިން ސިޓީ ކައުންސިލަރުންގެ ގޮނޑި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އިންތިޚާބަކާ ނުލައި ކާމިޔާބު ކުރައްވާފައިވާއިރު، އިއްޔެ ބޭއްވި ދެ އިންތިޚާބުގައި 87.5 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް