ހަޅުތާލާ ގުޅިގެން ހައްޔަރުކުރި ފައިރިޝް އެންޑީއޭގެ ފަރުވާގައި ހުއްޓާ ފިލައިފި

މާލޭގައި އާންމުންނަށް އުނދަގޫކުރާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައި ގިނަ ދުވަސްތަކެއްވީ ނަމަވެސް ހައްލުނުވެ އޮތުމުން ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ފައިރިޝް ބަންދުން ފިލާފައިވާކަން ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

އާންމު އުނދަގޫކުރާ މައްސަލައަކަށް ދޮޅު އަހަރުވީއިރުވެސް ހައްލެއް ލިބިފައިނުވާތީ، މުޙައްމަދު ސަޢީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން، ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި ހައްޔަރުކުރީ ކުށުގެ ރެކޯޑު އޮންނަ އުމުރުން 43 އަހަރުގެ ފައިރިޝްއެވެ. އޮކްޓޯބަރު 18 ގައި ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، ފައިރިޝް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ފަރުވާއަށް ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ސެންޓަރަށް ބަދަލުކޮށްފައެވެ. އަދި އެ ތަނުގައި ހުއްޓައި މެންދުރުފަހުގެ ވަގުތެއްގައި އޭނާ ވަނީ ފިލާފައެވެ.

ފުލުހުން ކުރިން ފާހަގަކުރި ގޮތުގައި، ފައިރިޝަކީ ބަންދުން ދޫކޮށްލުމުން އަނެއްކާވެސް އާންމުންނަށް އުނދަގޫކުރަން ފަށާ މީހެކެވެ. ނަމަވެސް، ޤާނޫނީ ގޮތުން އަބަދު ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ނުބެހެއްޓޭނެތީ، އޭނާއަށް ބޭނުންވާ ފަރުވާގެ މަސައްކަތްތައް ދިޔައީ ކުރެވެމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް