މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ އަގުތައް ޝާއިއުކުރުން މަނާކޮށް، އަދި ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލުގެ ދަށުން ކަޅުބާޒާރުގެ ރޭޓުތައް ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުކުރާ ފަރުދުން 25،000 އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު، ވިޔަފާރިތައް 100،000 އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި މީގެ އިތުރުން ޖިނާއީ ދައުވާ އުފުލުމުގެ އިހްތިޔާރު ވެސް ލިބިގެންވެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ކޮމިޓީ މަރުހަލާގައި އިސްލާހުކޮށް 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރިއިރު، މަޓީއިން ވަނީ ބިލު ދިރާސާކުރުމުގައި އެ ޖަމިއްޔާ ހާޒިރުކޮށްފައި ނުވާ ކަމަށް ބުނެފައެވެ. އަދި ޑޮލަރުގެ ކަޅުބާޒާރު ހިންގުމުގައި ބައެއް ރިސޯޓު އޮޕަރޭޓަރުން ބައިވެރިވާ ކަމަށް ސަރުކާރުގެ އިސް ވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި އެންގެވި ނަމަވެސް، އެފަދަ އެއްވެސް ކަމެއްގެ މައުލޫމާތު އެނގިފައި ނުވާކަމަށް މަޓީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.




