މިއަދު ތަސްދީގުކުރެއްވި ބޭރު ފައިސާއާ ބެހޭ ބިލުގެ ދަށުން ރިސޯޓުތަކަށް ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހުނު ނަމަވެސް، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތަކާއި އޮޕަރޭޝަނަލް ޚަރަދުތަކުގެ އިތުރުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށްފަހު ވެސް 40 އިންސައްތަ މާރުކުރެވޭނެ ތަނަވަސްކަން ކުންފުނިތަކުގައި ހުންނާނެ ކަމަށެވެ.
ކުރިން ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު 40 އިންސައްތައަށް ބަދަލުކުރީ ކަމާބެހޭ އިދާރާތަކުން ދިރާސާކުރުމަށްފަހު ކަމަށާއި، މި ބަދަލުގެ ސަބަބުން ރާއްޖެއަށް އަސާސީ މުދާ އިމްޕޯޓްކުރުމަށާއި ވިޔަފާރިވެރިންނަށް ޓީޓީ ހެދުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު ޑޮލަރުން މުސާރައާއި ސާވިސް ޗާޖު ނުދެވޭނެ ކަމަށް ބުނެ ރިސޯޓު މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު، އެމްއެމްއޭއިން ވަނީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ އެއޮތޯރިޓީގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.



