ބޭރު ފައިސާއާ ބެހޭ ގާނޫނަށް މި ފަހުން ގެނެވުނު އިސްލާހުތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ނުދެވޭނެކަން ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް އަންގަމުންދާތީ، އެކަމާ ދެކޮޅަށް ރިސޯޓު މުވައްޒަފުންގެ ހައްގުގައި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން އިސްނަގައިގެން ބޮޑު ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ޓީމްއިން ހާމަކުރި ގޮތުގައި އެ ޖަމިއްޔާގެ މެންބަރުކަން އޮންނަ ހުރިހާ ރިސޯޓުތަކަކުން ވެސް ވަނީ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި މި ޕެޓިޝަނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ނިންމާފައެވެ.
މި ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ޑިމާންޑްކޮށްފައިވަނީ ރިސޯޓު މުވައްޒަފުންނަށް ލިބޭ މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓޭގޮތަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތައް ވަގުތުން ހުއްޓާލުމަށެވެ. މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބޭރު ފައިސާ ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ އަގަށްވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި، އޭގެ އަގުތައް އާންމުކޮށް ޝާއިއުކުރުން މަނާކުރުމުގެ އިތުރުން، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ޓީމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބަދަލުގެ ސަބަބުން ރިސޯޓު މުވައްޒަފުންނަށް ލިބޭ އާމްދަނީ އިންތިހާއަށް ދަށްވެ، މާލީގޮތުން ނުއުފުލޭ ވަރުގެ ބޮޑު ބުރަޔަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެފައިވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ސިޔާސީ އެކި ނިންމުންތަކުގެ ސަބަބުން ކަމަށާއި، މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތި ކުރިމަތިވި މި ހާލަތުގެ އަގު މުވައްޒަފުން ދައްކަންޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. މި މައްސަލައިގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.



