ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޢަބްދުﷲ ޔާސިރު ވަނީ އައްޔަންކުރައްވާފައެވެ. ޔާސިރަކީ ފަތުރުވެރިކަމާއި، ހޮސްޕިޓާލިޓީ، ކޯޕަރޭޓް މެނޭޖްމަންޓް، އިންވެސްޓްމަންޓް އަދި ޑެސްޓިނޭޝަން ޑިވެލޮޕްމަންޓް ދާއިރާއިން 25 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ހޯއްދަވާފައިވާ ފަންނީ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގެ އިތުރުން ލަގްޒަރީ ހޮސްޕިޓާލިޓީ ބޯޑުތަކުގައާއި އަމިއްލަ ވިޔަފާރިތަކުގެ ލީޑަޝިޕްގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ޔާސިރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1993 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ޖެނެރަލް މެނޭޖަރު، އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަދި ފްރަންޓް އޮފީސް މެނޭޖަރު ފަދަ އޮޕަރޭޝަނަލް އަދި މެނޭޖްމަންޓް އެކި މަގާމުތައް ފުރުއްވާފައެވެ. އެގޮތުން 2002 އިން 2008 އަށް ވަން އެންޑް އޮންލީ ކަނުހުރާގެ ޑިރެކްޓަރެއްގެ ގޮތުގައި އެ ރިސޯޓުގެ ސްޓްރެޓެޖިކް ޕްލޭނިންގ އަދި ގަވަނަންސްގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަވަނީ ސުޕަރސަޕްލައި އެންޑް ވޯޓާމާކްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވަމުންނެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވުނު ޕޯރޯސް ލައިވް ޕްރޮޖެކްޓްގައި ބައިވެރިވެވަޑައިގެން، ފަތުރުވެރިކަމުގެ ވާދަވެރިކަން އިތުރުކުރުމަށް ބޭނުންވާ މާކެޓް އެސެސްމަންޓާއި ސްޓްރެޓެޖިކް ލަފާތައް ޔާސިރު ވަނީ ފޯރުކޮށްދެއްވާފައެވެ. މީގެއިތުރުން، އޭނާ މިހާރުވެސް ގެންދަވަނީ އެންޓަޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމު އަދާކުރައްވަމުންނެވެ. ތައުލީމީ ގޮތުން ޔާސިރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރ އޮފް އާޓްސް އަދި ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ބިޒްނަސް މެނޭޖްމަންޓުން ބެޗްލަރު އޮފް އާޓްސް (އޮނާސް) ހާސިލްކުރައްވާފައެވެ.





