މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)

ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން އުޅޭތީ، ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ (މަޓީ) އިން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޓީން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓުތަކުގެ ތެޔޮ، މުސާރަ، ސާވިސް ޗާޖު، ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް، އިންކަމް ޓެކްސް)، ރިސޯޓު ކުލި އަދި ބޭރުގެ ލޯނުތައް ފަދަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ، އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ މުޅި ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިހާރު ގެންނަން ނިންމާފައިވާ އިސްލާހުގައި ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އުވާލައި، ސީދާ އާމްދަނީގެ 40 ޕަސެންޓު މާރުކުރުން ލާޒިމުކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅަން އުޅުނު ނަމަވެސް، މަޓީން އެމްއެމްއޭއާއެކު ބޭއްވި ބައްދަލުވުންތަކުގައި ހުށަހަޅާފައިވަނީ އެ މިންވަރު 10 ޕަސެންޓަށް ވުރެ އިތުރު ނުކުރުމަށެވެ.

މީގެއިތުރުން، މަދު ރިސޯޓުތަކެއްގެ މައްސަލަ ތަހުގީގުކުރާތީ މުޅި ސިނާއަތުގެ ބޮލުގައި ކަޅު ބާޒާރުގެ ތުހުމަތު އެޅުވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މަޓީން ބުނެފައިވެއެވެ. އަދި ސަރުކާރާއި އެމްއެމްއޭއާއެކު ވާހަކަދައްކައިގެން އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެ ޖަމިއްޔާ އަބަދުވެސް ތައްޔާރަށް އޮތް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް