އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ތެރެއިން ބާކީ ނުދައްކައި އޮތް އެއް މިލިއަން ރުފިޔާ ދައްކައި ހަލާސްކުރުމުން، އެ މައްސަލަ ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން، އަދީބު ވަނީ މި ފައިސާ ދެ އިންސްޓޯލްމަންޓަކަށް ބަހާލައިގެން ދައްކަވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި އެއް ލައްކަ ރުފިޔާ އަދި މި މަހުގެ 13 ވަނަ ދުވަހު ބާކީ އޮތް ނުވަ ލައްކަ ރުފިޔާ ދައްކަވައި، ޖޫރިމަނާގެ ހުކުމް ވަނީ ތަންފީޒުކޮށް ނިންމާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރެވުނު ހަތް ދައުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމަކާއެކު ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކުރިއެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ މީގެ ކުރިން ދައްކާފައިވީ ނަމަވެސް، ބާކީ ފައިސާ ނުދައްކައިގެން ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދީބުގެ 20 އަހަރުގެ ޖަލު ހުކުމުގެ ބާކީ ބައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު މަޢާފްކޮށްދެއްވުމާ ގުޅިގެން އޭނާ ވަނީ ޖަލު ހުކުމުން އެއްކޮށް މިނިވަންވެފައެވެ.





