މެދުއިރުމަތީގެ ހަނގުރާމައާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު މައްޗަށް ގޮސް، މާރިޗު އަދި އޭޕްރީލް މަހު ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހުނު ނަމަވެސް، ފަހުގެ ހިސާބުތަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނަމުންދާ ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އެގޮތުން، ޖުމްލަ ފަތުރުވެރިން އައި މިންވަރު ދަށްވި ނަމަވެސް ފަތުރުވެރިކަމުގެ އާމްދަނީ 1 އިންސައްތަ އިތުރުވެފައިވާއިރު، ބޭންކިންގ ދާއިރާގެ ބޭރު ފައިސާގެ އާމްދަނީއާއި ޑިޕޮސިޓްތައް ވަނީ 18 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި ތެލުގެ ހޭދަ އިތުރުވެފައިވީ ނަމަވެސް ރަސްމީ ރިޒާވް މަތިކުރުމަށް އެމްއެމްއޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކަޅުބާޒާރުގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ގަވަރުނަރު ވިދާޅުވީ، ބޭރު ފައިސާއިން ބޮޑު އާމްދަނީއެއް ލިބޭ ގިނަ ފަރާތްތަކުން މަނީ ޗޭންޖަރުން މެދުވެރިކޮށް ކަޅުބާޒާރުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައުރުކުރާކަން ތަންފީޒީ އިދާރާތަކާ ގުޅިގެން ހެދި ދިރާސާތަކުން ދައްކާ ކަމަށެވެ.
މިފަދަ ޢަމަލުތައް ހުއްޓުވައި ގާނޫނު ތަންފީޒުކުރުމަށް ތަހުގީގުތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ގަވާއިދާ ހިލާފަށް އަމަލުކުރި އެއް މަނީ ޗޭންޖަރެއްގެ ޚިދުމަތް މިހާރު ވަނީ ބަންދުކޮށްފައެވެ.





