ދަރިންނަށް ދޭންޖެހޭ ހަރަދު ނުދީގެން ކ. ކާށިދޫ، ހެޕީނައިޓް، އަހްމަދު އަންވަރު ދެ މަސް ދުވަހަށް ޖަލަށް ލައި، އޭނާގެ ފޮޓޯއާއި ވަނަވަރު ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުން އާންމުކޮށްފިއެވެ. ލަންދޫ ކޯޓުން އޭނާގެ މައުލޫމާތު އާންމުކޮށްފައިވަނީ މައްސަލައިގެ ތަންފީޒީ ފިޔަވަޅެއްގެ ގޮތުން، އާއިލާއާ ބެހޭ ގަވާއިދުގެ ދަށުންނެވެ.
ދަރިންގެ ހަރަދު ނުދޭ މީހުންގެ ނަން ހާމަކުރުމަށް ފެމިލީ ކޯޓުން 2018 ވަނަ އަހަރު ނިންމާފައިވީ ނަމަވެސް، އެފަދަ މީހުންގެ މައުލޫމާތު އެންމެ ފުރަތަމަ އާންމުކުރަން ފެށީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޅ. ހިންނަވަރު ކޯޓުންނެވެ. އޭގެ ފަހުން ފެމިލީ ކޯޓާއި ހދ. ކުޅުދުއްފުށީ ކޯޓު ހިމެނޭހެން ބައެއް ކޯޓުތަކުން ވަނީ ހަރަދު ނުދޭ މީހުންގެ ވަނަވަރު އާންމުކޮށްފައެވެ.
ގަވާއިދުގައިވާ ގޮތުން ހުކުމާ އެއްގޮތަށް ދަރިންނަށް ހަރަދު ނުދޭ މީހުންނަކީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއްގެ ގޮތުގައި ބަލައި، އެފަދަ މީހުންގެ ވަނަވަރު އާންމުކުރަން އާއިލާއާ ބެހޭ ގަވާއިދުގެ ދަށުން ހުއްދަކުރެއެވެ. ދަރިންނަށް ހަރަދު ނަގައިދިނުމުގެ ގަވާއިދު އޮންނަ ގޮތުން އެންމެ ކުއްޖަކަށް މަހަކު 2،000 ރުފިޔާ އަދި އެއަށްވުރެ ގިނަ ކުދިން ތިބެޖެނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000 ރުފިޔާގެ ރޭޓުން ނަގައިދެއެވެ. ނަމަވެސް، ބައްޕަގެ ތަނަވަސްކަން ހުރިނަމަ ނުވަތަ ކުއްޖާއަށް އިތުރު ހަރަދުތަކެއް ކުރަންޖެހޭނަމަ އެއަށްވުރެ އިތުރަށްވެސް ފައިސާ ނަގައިދެވޭނެއެވެ.




