ގަލްފުގެ ގައުމުތަކުން ކަނޑުމަގުން މުދާ އުފުލުމުގައި ބޭނުންކުރާ މައި ކަނޑުއޮޅިތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި، ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މި އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި "ޗާޓާ އޮފް ދަ މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" މުއާހަދާގައި ސޮއިކޮށް، އެ އެއްބަސްވުން ތަސްދީގުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. ސައުދީ އަރަބިއްޔާ އިސްވެ އޮވެ އިތުރު 13 ގައުމަކާއެކު އެކުލަވާލާފައިވާ މި އިއްތިހާދުގެ މައިގަނޑު ބޭނުމަކީ ބާބުލްމަންދަބު ކަނޑުއޮޅިއާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅީގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަގުތައް ރައްކާތެރިކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. މި އިއްތިހާދުގެ ދާއިމީ ހެޑްކުއާޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގައެވެ. މި އެއްބަސްވުމުގެ ދަށުން ރަތްކަނޑު ނުވަތަ ގަލްފް އޮފް އަދަން ސަރަހައްދަށް ދިވެހިރާއްޖޭގެ ސިފައިންނާއި، ކަނޑުގެ އުޅަނދުފަހަރު ނުވަތަ އަސްކަރީ އެހެނިހެން ވަސީލަތްތައް ފޮނުވުން އޮޓޮމެޓިކުން މަޖުބޫރެއް ނުވެއެވެ.
މި އިއްތިހާދުގައި ބައިވެރިވުމަކީ އެ ގައުމެއްގެ އިސްތިގުލާލާއި މިނިވަން ނިންމުންތަކުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އަދި އެ ގައުމަކުން އެހީތެރިކަން ދޭނެ މިންވަރު ކަނޑައެޅުމުގެ ފުރިހަމަ އިޚުތިޔާރު ކޮންމެ މެންބަރު ގައުމަކަށްމެ ލިބިގެންވެއެވެ. މި އިއްތިހާދުގެ ހަރަކާތްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އެއްބާރުލުން ދިނުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ކަންކަން ވިލަރެސްކުރުމުގެ އިތުރުން ވިޔަފާރި އުޅަނދުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. ބައިވެރިވާ ގައުމުތަކުން އަމަލީ ގޮތުން އަދާކުރަންޖެހޭ ސީދާ ޒިންމާތައް ބިނާވާނީ އިއްތިހާދުގެ ޗާޓަރު ތަންފީޒުކުރެވޭ ގޮތާއި، އޭގެ ފަހުން ކުރެވޭ އިތުރު އެއްބަސްވުންތަކުގެ މައްޗަށެވެ.


