ވިހެއުމަށްފަހު މަންމަގެ ނުރުހުމުގައި ތުއްތު ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދައިފި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމްއިން ބުނީ މި މައްސަލައާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް މިހާރު ހޯދިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ހެކިތަކާއި ގަރީނާތައް ދިރާސާކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ތަހުގީގު ފުރިހަމަކުރުމަށް އިތުރަށް ބޭނުންވާ މައުލޫމާތުތައްވެސް ވަރަށް އަވަހަށް ހޯދައި ނިންމާލެވޭނެ ކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.
މި މައްސަލައަކީ އުފަންވުމާއެކު ދައުލަތަށް ކުއްޖާ ނެގި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް، އެ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި މައްސަލަ ފެންމަތިކުރުވި ހާދިސާއެކެވެ. މަންމަ ހާމަކުރި ގޮތުގައި، ދަރިފުޅު ދައުލަތަށް ނެގީ އޭނާގެ ނުކުޅެދުންތެރިކަމެއް ހުރުމާއި މީގެކުރިން އަމިއްލަ ނަފުސަށް ގެއްލުންދޭން މަސައްކަތްކޮށްފައިވާ ކަމަށް ބުނެއެވެ. އަދި އޭނާގެ ނުރުހުމުގައި އެހެން އާއިލާއަކާ ކުއްޖާ ހަވާލުކުރަން މަސައްކަތްކުރާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
މި މައްސަލައިގައި ކަމާބެހޭ މިނިސްޓްރީން ބުނެފައިވަނީ ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، މައިންބަފައިންނާއި އާއިލާގެ ފަރާތުން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތްތަކުގައި އެކަނި ކަމަށެވެ.



