ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) "ރައިޓް ސައިޒް" ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިޔާސީ ފިކުރަށް ބަލައިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މުވައްޒަފުން ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ނުވަތަ ފާޅުކުރާ ސިޔާސީ ޚިޔާލަކާ ގުޅިގެން ވަކިކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، މާލީ ވުޒާރާއިންވެސް އެފަދަ އެންގުމެއް ކުންފުނިތަކަށް އަންގާފައި ނުވާނެ ކަމަށެވެ.
މާލީ ވުޒާރާގެ މަސްއޫލިއްޔަތަކީ ކުންފުނިތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ތަންތަންކަން ކަށަވަރުކުރުމަށް ޕޮލިސީ އިރުޝާދު ދިނުން ކަމަށާއި، ދުވަހުން ދުވަހަށް ކުންފުނިތައް ހިންގުމާއި މުވައްޒަފުން ވަކިކުރުމުގެ ކަންކަމުގައި ވަކި ގޮތަކަށް އަމަލުކުރަން އަންގާފައި ނުވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ޕަބްލިކް ސެކްޓަރުގައި މަސައްކަތް ކުރާތީ އެކަން ހައްލުކޮށް އިޤްތިޞާދު ހަރުދަނާކުރަން ޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައިޓްސައިޒް ކުރާއިރު ރިޑަންޑެންސީގެ ކަންކަން ކުރިއަށްދާނީ މީހާ ކުރާ މަސައްކަތާއި ކުރަންޖެހޭ މަސައްކަތަށް ބަލައިގެން ކަމަށެވެ. އަދި ރިޑަންޑެންޓްވާ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އައު ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ޕީސީބީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ނިމުނު ސަރުކާރުގައި އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު %100 އިތުރުވެ (2018 ގައި 18،676 އިން 2023 ގައި 36،729 އަށް)، މިހާރު އެ އަދަދު 41،667 އަށް އަރާފައިވާ ކަމަށެވެ. އަދި ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކޮށް، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.



