ރާއްޖޭގައި ހިދުމަތްދޭ 9 ވަނަ ކޮމާޝަލް ބޭންކުގެ ގޮތުގައި "މޯލްޑިވްސް ޕްރިމިއާ ބޭންކް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ބާސެލޯ ނަސަންދުރަގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި އެ ބޭންކުގެ މޮބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިންގ ޕޯޓަލް އިފްތިތާޙުކޮށްފައިވާއިރު، ބޭންކުގެ ފުރަތަމަ ބްރާންޗާއި ހެޑް އޮފީސް ގާއިމުކޮށްފައިވަނީ ހ. ސަންލީތުގެ 1 ވަނަ އަދި 5 ވަނަ ފަންގިފިލާގައެވެ.
މި ރަސްމިއްޔާތުގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދުގައި މާލީ ދާއިރާގެ ހިއްސާ މިހާރު އޮތް %6 އިން %12 އަށް ދެގުނަ ކުރުމަކީ އަމާޒެއް ކަމަށެވެ. އަދި ވޭތުވެދިޔަ 5 އަހަރު ބޭންކިންގ ދާއިރާއިން 200 މިލިއަން ޑޮލަރުގެ ފައިދާ ރާއްޖެއިން ބޭރަށް ރެމިޓްކޮށްފައިވާކަން ފާހަގަކުރައްވައި، ދިވެހި ބޭންކުތަކުގެ މުހިންމުކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ބޭންކިންގ ދާއިރާގެ އިސް މަގާމުތަކުގައި ތިބި ބިދޭސީންގެ އިންސައްތަ ކުރިއަށް އޮތް 5 އަހަރު ތެރޭ %40 އިން %20 އަށް ދަށްކޮށް، މެނޭޖުމަންޓުގެ %80 އަކީ ދިވެހިންނަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
ބިޒްނަސް ރެޖިސްޓްރީ ޕޯޓަލްގެ މައުލޫމާތު ދައްކާގޮތުން، މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ހިއްސާދާރަކީ ވިޔަފާރިވެރިޔާ އަދި ރައީސް މުއިއްޒުގެ އިކޮނޮމިކް އެންޑް ޓްރޭޑް އެޑްވައިޒަރު މުޙައްމަދު އަލީ ޖަނާހު އާއި އޭނާގެ ހިއްސާ އޮންނަ އެމްޑީވީ ރީ އިންވެސްޓުމެންޓް އެލްއެލްސީއެވެ. އަދި އެ ބޭންކުގެ ޗެއާޕާސަންއަކީ ޖަނާހުގެ ދަރިކަނބަލުން އަދި އެމްއޭސީއެލްގެ ވެސް ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހެވެ.



