ރަޝިއާއިން ރާއްޖެއަށް އިތުރު އެއަރލައިންތައް ދަތުރުކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަކުރުމަށް ރާއްޖޭގެ އިސް ވަފުދެއް ރަޝިއާއަށް ކުރައްވަމުންދާ 5 ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ ރަޝިއާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް ދިމިތުރީ ޒްވެރޭވްއާ މޮސްކޯގައި ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ރާއްޖެއަށް އިތުރު އެއަރލައިންތައް ދަތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.
މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގްގައި ކުރިއަށްދާ މި ދަތުރުފުޅުގައި ރަޝިއާގެ އިސް ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކާއި މޮސްކޯ އާއި ސެއިންޓް ޕީޓަރސްބާގްގައި ބާއްވާ ސިނާއީ ނެޓްވޯކިންގ އިވެންޓްތަކުގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމާއި 'ވިޒިޓް މޯލްޑިވްސް އިޔަރ 2027' އަށް ތައްޔާރުވުމާއި، ގުޅިގެން އިޝްތިހާރު ކުރުމުގެ ފުރުސަތުތައް ހޯދުމެވެ. މިއީ ރަޝިއާ މާކެޓުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި އިސްދައުރެއް އަދާކުރާ ބައިވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.



