ދިވެހިރާއްޖޭގެ މާލީ އޮނިގަނޑު އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމުގެ ގޮތުން، ގައުމީ ފެންވަރުގެ "ނޭޝަނަލް ޕޭމަންޓް ސްވިޗް" އެއް ގާއިމުކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލަކީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެކެވެ. މި އިސްލާހުގެ ދަށުން، ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގައުމީ ޕޭމަންޓް ސިސްޓަމްގެ ތެރޭގައި ހިމެނޭ ވަކި ނިޒާމެއް، ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ލިބިގެންދާނެއެވެ.
މީގެ އިތުރުން، ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ކުރާ މުއާމަލާތްތައް މި ސްވިޗް މެދުވެރިކޮށް ހިންގުމަށް އެމްއެމްއޭއަށް އެންގޭނެއެވެ. މި ނިޒާމު ގާއިމުކުރުމުން، އެކި ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތައް އެއް ވިއުގައަކުން ގުޅާލެވި، ކަސްޓަމަރުންނަށް އެއް ބޭންކެއްގެ ކާޑު ނުވަތަ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން އެހެން ބޭންކެއްގެ ކިއުއާރު ކޯޑު ނުވަތަ ޕީއޯއެސް މެޝިންތައް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.
މީގެ ސަބަބުން މުއާމަލާތްތަކަށް ހިނގާ ފީ ކުޑަވެގެންދާނެއެވެ. މި ސްވިޗްގެ ސަބަބުން ރާއްޖޭގެ އެތެރޭގެ މުއާމަލާތްތައް ހިންގުމުގައި ބޭރުގެ ޕޭމަންޓް ނެޓްވޯކްތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ގައުމީ ސަލާމަތާއި އިގްތިސާދީ މިނިވަންކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.


