އެއް މައްސަލައެއްގައި އެއް ޕެޓިޝަނަށްވުރެ ގިނަ ޕެޓިޝަން މަޖިލީހަށް ހުށަހެޅޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ (ޅ) އުނިކުރުމަށް އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު ހުށަހެޅުއްވި މި އިސްލާޙު ކޮމިޓީން ފާސްކުރީ ހާޒިރުވި މެންބަރުންގެ ތެރެއިން 7 މެންބަރުންގެ ވޯޓުންނެވެ. މި ބަދަލާއެކު، ކުރިން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އިތުރު ޕެޓިޝަންތައް ހުށަހެޅުމަށް އޮތް ގާނޫނީ ހުރަސް ނެތިގެންދާނެއެވެ.
މި އިސްލާޙު ހުށަހެޅީ ލާމަރުކަޒީ ޤާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާޙު އަނބުރާ ގެންދިއުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް، އެ އިސްލާޙު އަވަސްކުރުމަށް އެދި އިތުރު ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތްކުރުމުންނެވެ. ނަމަވެސް، އޭރު ޤަވާޢިދު އޮތްގޮތުން އެއް ބިލަކާ ގުޅޭގޮތުން އިތުރު އެއްވެސް ޕެޓިޝަނެއް ހުށަހެޅުމުގެ ފުރުޞަތެއް ނެތެވެ.




