"ފްރެންޑް 4" ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ މުޅި ސަރަހައްދު އެއްކޮށް ބަލައި ނިންމާލާފައިވާ ކަމަށާއި، ނަމަވެސް އެ މީހުން ދިރިތިއްބާ ފެނުމުގެ ފުރުސަތު މިހާރު ވަރަށް ކުޑަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފްގެ ސިފައިންގެ އޮފިސަރަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކެޕްޓަނެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މިހާތަނަށް ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދިޔަ ފުޅާ ސާޗް އޮޕަރޭޝަނުގައި ހުވަދޫ ކަނޑުގެ ބޮޑު ސަރަހައްދެއް ވަނީ ބަލައިފައެވެ.
މި މަސައްކަތުގައި ސިފައިންގެ ޔޫއޭވީތަކާއި، ކޯސްޓްގާޑުގެ އުޅަނދުތަކުގެ އިތުރުން ފުލުހުންގެ ވަސީލަތްތައް ވެސް ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދުމުން އެމެރިކާގެ ނޭވީގެ ހާއްސަ މަތިންދާބޯޓެއް ވެސް މި ސަރަހައްދު ބެލުމުގައި ބައިވެރިވެފައިވެއެވެ.
މި ހާދިސާ ގުޅިގެން ގެއްލިގެން ހޯދަމުންދަނީ:
- ޕޮލިސް ސާޖަންޓް އަލީ ނާފިއު (33 އަހަރު)
- އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39 އަހަަރު)
- ދޯނީގެ ކައްޕި ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35 އަހަރު)
މި ހާދިސާ ހިނގާފައިވަނީ ހިލައާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯނި ދިޔަވެ، ކުއްލިގޮތަކަށް ބަންޑުން ޖަހާލައި އަޑިއަށް ދިއުމުގެ ސަބަބުންނެވެ. އެމްއެންޑީއެފުން ފާހަގަކުރެއްވި ގޮތުގައި އެ ދޯނި އަޑިއަށް ގޮސްފައިވަނީ އަސްކަރީ ސަބްމެރިންތައް އޮޕަރޭޓްކުރާ ވަރަށްވުރެ ވެސް މާ ފުން ސަރަހައްދަކަށެވެ. މިހާތަނަށް ކުރި މަސައްކަތުން ދޯނިން އޮޔާދިޔަ ބައެއް ސާމާނުތައް ފެނިފައިވީ ނަމަވެސް، ގެއްލުނު އެއްވެސް މީހެއްގެ ނިޝާނެއް އަދި ފެނިފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، ކަނޑުގެ އޮޔާއި ވައި ހުރި ގޮތަށް ބަލައި، ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކުރާއިރު ގެއްލުނު މީހުން ދިރިތިއްބާ ފެނުމުގެ އުންމީދު މިހާރު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.




