ކ. ވިލިނގިލީގައި ޑިންގީ ޖެޓީއެއް ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމެޕްނީ (އެމްޓީސީސީ) އާ ވަނީ ހަވާލުކޮށްފައެވެ.
ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީ ސޮއިކުރެއްވި މި އެއްބަސްވުމުގެ ދަށުން ދެ މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާނެއެވެ.
އެގޮތުން 14.91 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 150 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި ޑިންގީ ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 3,698 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 3 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 74 މީޓަރުގެ އެއްގަމުތޮށިލުމުގެ އިތުރުން 24 މީޓަރުގެ ބޭރުތޮށްޓަކާއި 74 މީޓަރު ދިގު ބްރިޖެއް ހެދުން ހިމެނެއެވެ. މީގެއިތުރުން 45.66 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 1.09 ހެކްޓަރުގެ ބިން ހިއްކުމާއި، 150 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 181 މީޓަރުގެ ބޭރުތޮށިލުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުތައް ނިމުމުން ވިލިނގިއްޔަށް ދިމާވެފައިވާ ރަށްގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބި، ހިމާޔަތްކުރެވިފައިވާ ގޮނޑުދޮށެއް ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި ރަށަށް އެކި ބޭނުންތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވާ ޖެޓީގެ ދަތިތަކަށްވެސް ފުރިހަމަ ހައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.



