ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގަން ލާޒިމުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކުހުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރާނީ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕު ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
މުޙައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކޮށް، އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތްތަކުން ޓެކްސް ނެގުމެވެ. ކޮމިޓީ މަރުޙަލާގައި ސިނާއަތުގެ ކަންބޮޑުވުންތައް އަޑުއަހައި، ދާއިރާއަށް ލޮޅުމެއް ނާންނާނެ ގޮތަށް ކަންކަން ނިންމަވާނެ ކަމުގެ ޔަޤީންކަން ފަލާޙް ދެއްވިއެވެ.
މި އިސްލާހު ފާސްވެއްޖެނަމަ ދައުލަތަށް އަހަރަކު 1.61 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ކޯސްޓް އެސްޓިމޭޓުގައި ލަފާކޮށްފައިވެއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި 70 މެންބަރުންގެ އަޣުލަބިއްޔަތުން މި ބިލު ވަނީ ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފައެވެ. ބިލަށް ބަހުސްކުރެއްވި މެންބަރުން ވަނީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަންބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުން ނުވާނެ ގޮތަށް ގާނޫނީ ބަދަލުތައް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.



