މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލޭ މާފަންނުގެ ގެއެއް ބަލައިފާސްކޮށް ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މ. ސޭންޑީހޮލޯ، އަބްދުﷲ އިނާޒް (37އ) އެވެ. އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ވަގުތީ ބަރުދަނުގައި 515.11 ގުރާމު ހުއްޓެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަސް ދީފައެވެ.
ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މުޅި ރާއްޖެއިން 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1,800 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ތަހުގީގުކުރި 560 މައްސަލައިގެ ތެރެއިން 343 މައްސަލައެއްގެ ތަހުގީގު މުޅިން ނިންމައި، ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފައެވެ.



