ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގަން ލާޒިމުކުރުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި ބަދަލާއެކު ދައުލަތަށް އަހަރަކު ދޮޅު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އިތުރު އާމްދަނީއެއް ވަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ.
މި ބިލު ހުށަހެޅުއްވި މައިގަނޑު މަގުސަދަކީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުސޫލުތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ބަޔާންކުރުމެވެ. މި އިސްލާހުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތްތައް ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.
މީގެ ސަބަބުން ބޭރުގެ އެޖެންޓުން މެދުވެރިކޮށް ރާއްޖެއަށް ކުރާ ބުކިންތަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުގެ މަގު ފަހިވެގެންދާނެއެވެ. މި ބަދަލަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީ އިތުރުކުރުމަށާއި، ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި އިސްލާހު ފާސްވެ އަމަލުކުރަން ފެށުމުން، ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މާލީ އިދާރާތަކުން ލަފާކުރެއެވެ.