މާލޭގެ ހެންވޭރު ބޮޑުރަސްގެފާނު މަގުގައި ހުންނަ ހ. ފަހިވައި ގޭގެ ހަތްވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެ އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ހުރި ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅެމުންދިޔަ ހަތަރު ދިވެހިންނަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި އެއް ފިރިހެނެކެވެ. މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު ރޭ 20:41 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ސިފައިން ކުރި ބުރަ މަސައްކަތުން ބައިގަޑިއިރެއްހާ އިރުގެ ތެރޭގައި އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލްކޮށްފައެވެ. ނަމަވެސް، އަލިފާން ރޯވި އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތަނުގައި ހުރި ހިފާގެންގުޅޭ ސާމާނުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
މި ހާދިސާގައި އެއްވެސް އާންމު ރައްޔިތަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އަލިފާން ނިއްވުމުގެ ހަރަކާތްތެރިވި ފުލުސް އޮފިސަރެއްގެ އަތް ކަނޑައިގެން ދިއުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. އެންޑީއެމްއޭ އިން ގެންދަނީ ހާދިސާގައި ގެއްލުން ލިބުނު އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.