ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަނިކޮށް ކ. ގާފަރު ކައިރިއަށް މިދިޔަ މަހުގެ 31 ގައި އަޑިއަށް ދިޔަ ލޭންޑިން ކްރާފްޓުން ގެއްލުނު އިންޑިއާގެ ދެ ބިދޭސީން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ބުނެފައެވެ.
އެ މީހުން ގެއްލުނުތާ މާދަމާއަށް ދެ ހަފުތާ ފުރޭނެއިރު، އެމްއެންޑީއެފުން ބުނީ ވަޔާއި ކަނޑުގެ މަގުން އެ މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ކުރިއަށްދާ ކަމަށެވެ. ޖުމުލަ 10 މީހުންނާއެކު ދަތުރުކުރި އެ ލޭންޑިން ކްރާފްޓުން ސަލާމަތްވި ދެ ދިވެހިންނާއި ހަ ބިދޭސީން ވަނީ ހާދިސާ ހިނގި ދުވަހު ގާފަރަށް ގެންގޮސްފައެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ދުވަސްވަރެއްގައި މި ހާދިސާ ހިނގާފައިވާއިރު، މި ހާދިސާ ހިނގިތާ ހަފުތާއެއް ނުވަނީސް ކަނޑުމަތީގެ އިތުރު ހާދިސާއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ތިން މީހަކު ވަނީ ގެއްލިފައެވެ. އެއީ ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ސަޕްލައި ދޯނީގެ ކައްޕިއާއި، އެ އުޅަނދާއި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހަކާއި އެމްއެންޑީއެފްގެ އޮފިސަރެކެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ކުރަމުންދިޔަ ނަމަވެސް، މިހާތަނަށް އެއިން އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.



