މީގެ ހަތް އަހަރު ކުރިން ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކަމުގައި ހުންނަވަނިކޮށް ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން މަގާމުން ވަކިކުރި މުހައްމަދު ރާގިބް ސިވިލް ކޯޓުގެ ގާޒީކަމަށް އައްޔަންކުރަން ނިންމި ނިންމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަނބުރާ ގެންގޮސްފިއެވެ.
ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލެއްވި 42 ބޭފުޅުންގެ ތެރެއިން އައްޔަންކުރަން ނިންމި ބޭފުޅުންގެ ތެރޭގައި ރާގިބް ހިމެނި، މާދަމާ ހުވާކުރެއްވުމަށް ތާވަލުކޮށްފައި ވަނިކޮށް މި ނިންމުން ބަދަލުކުރީ އޭނާއާ ބެހޭ ގޮތުން ސީރިއަސް ޝަކުވާތަކެއް ކޮމިޝަނަށް ލިބުމާ ގުޅިގެން މެންބަރުންގެ އިއްތިފާގުންނެވެ. ރާގިބްގެ ބަދަލުގައި އިތުރު ބޭފުޅެއްގެ ނަން އަދި ފާސްކޮށްފައި ނުވިނަމަވެސް، ދެން ހޮވުނު އަނެއް ދެ ބޭފުޅުން މާދަމާ މަގާމުގެ ހުވާކުރައްވާނެއެވެ.
ރާގިބް ވަނީ މި ސަރުކާރުގެ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވައިފައެވެ. ނަމަވެސް އެ މަގާމުގައި ހުންނަވައި ދައުލަތާ ދެކޮޅަށް ދައުވާއެއް ކުރެއްވުމުން އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. މީގެކުރިން އޭނާ މެޖިސްޓްރޭޓް ކަމުގެ މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރަކުރުމާއި، ކޮށްފައިވާ ހުކުމްތަކަށް ބަދަލު ގެނައުމާއި، މުވައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅުމާއި، މައްސަލަ ހުށަހަޅާ ބައެއް މީހުންނާ ގާތް ގުޅުންތައް ބޭއްވުމުގެ އިތުރުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލަތަކުގައެވެ.




