ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ގދ. ގައްދޫގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިއީ ރަށްރަށުގައި ތިބެގެން ފަސޭހަކަމާއެކު ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ.
މާލެއަށް ދާންނުޖެހި އަތޮޅުތެރޭގައި ޕާސްޕޯޓު ލިބޭނެ މަގުފަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއުގެ ދަށުން މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ މި ހިދުމަތް ގާއިމުކޮށްފައެވެ. އެގޮތުން އެންމެ ފަހުން މި ހިދުމަތް ފަށާފައިވަނީ ބ. ދަރަވަންދޫގެ އިތުރުން ތ. އަތޮޅުގެ ގުރައިދޫ، ވިލުފުށި އަދި ވޭމަންޑޫގައެވެ.
އަތޮޅުތަކުގެ އިތުރުން، ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތް އަވަސްކޮށްދިނުމުގެ ގޮތުން މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހި، ދެވަނަ ފިޔަވަހި އަދި ވިލިމާލޭގައިވެސް މިހާރު ވަނީ ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އަތޮޅުތަކަށް މި ހިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ކަންކަން ހަމަޖައްސައިދިނުމެވެ.




