ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭ ޚިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިފުތިތާޚްކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ގުޅިގެން ފެށި މި ޚިދުމަތާއެކު، އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި އެ ބޭންކުތަކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ސީދާ އިންޑިއާގެ ޔޫޕީއައި އެކައުންޓްތަކަށް ފައިސާ ފޮނުވޭނެއެވެ.
މި ޚިދުމަތް ފަށާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށްވާއިރު، ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ (ޕީ2ޕީ) މުޢާމަލާތްތަކެވެ. އެގޮތުން، ބޭރު ފައިސާގެ ގަވާއިދާ އެއްގޮތަށް ތަޢުލީމީ، ބޭސްފަރުވާ އަދި އާއިލީ ޚަރަދުތަކަށް ކޮންމެ ކަސްޓަމަރަކަށްވެސް މަހަކު ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) ފޮނުވޭނެއެވެ. ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ދެއްކުމުން، ލިބޭ ފަރާތުގެ އެކައުންޓަށް ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސްއިންނެވެ.
މިއީ ރާއްޖޭގެ އަމިއްލަ ޕޭމަންޓް އިންފްރާސްޓްރަކްޗައެއް ބައިނަލްއަގްވާމީ ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. އަދި އިންޑިއާގެ އެންއައިޕީއެލްއާއެކު ހެދުނު އެއްބަސްވުމުގެ ދަށުން މިފަދަ ޚިދުމަތެއް މިހާ އަވަހަށް ފެށުނު ފުރަތަމަ ގައުމަކީވެސް ރާއްޖެއެވެ. ކުރިއަށް އޮތް ފިޔަވަހިތަކުގައި ވިޔަފާރިތަކަށް ކިއުއާރް ކޯޑް މެދުވެރިކޮށް ފައިސާ ދެއްކޭނެ (ޕީ2އެމް) ނިޒާމު ތަޢާރަފުކުރުމާއި، އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.




