އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ) އަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް، އެކުވެރި ޢަރަބި އިމާރާތުގައި (ޔޫއޭއީ) ހުންނަވާ ދިވެހި ސަފީރު ތޯރިގް އިބްރާހިމް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވައިފިއެވެ. މި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ޤާނޫނުއަސާސީއާއި ފޮރިން ސަރވިސް ޤާނޫނުގައިވާ ގޮތުގެ މަތިން ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ސަފީރުން އައްޔަންކުރެވޭނީ މަޖިލީހުގެ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، ތަޅުމުގައި ނަގާ ވޯޓަކުން ރުހުން ލިބިގެންނެވެ. ތިމާވެއްޓާއި ހަކަތައާ ބެހޭ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ތޯރިގް ވަނީ ކުރިން ތިމާވެއްޓާ ބެހޭ ވަޒީރުކަންވެސް ކުރައްވާފައެވެ.
އައިރީނާގައި ކުރިން ރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމު އަދާކުރެއްވީ ކުރިން ޔޫއޭއީގައި ހުންނެވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ. 2009 ވަނަ އަހަރު އުފެއްދި އައިރީނާއަކީ އިޔާދަކުރަނިވި ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާއެކެވެ. ރާއްޖެއަކީ އެ އިދާރާ އުފެދުނީއްސުރެ މެންބަރު ގައުމަކަށްވާއިރު، ޔޫރަޕިއަން ޔޫނިއަންގެ އިތުރުން 169 ގައުމެއް އެ ޖަމުޢިއްޔާގެ މެންބަރުންގެ ގޮތުގައި ހިމެނެއެވެ.



