ވިލިމާލޭގައި މިއަދު ހުޅުވި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތާއެކު، ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާއި އެ ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުން ސަލާމަތް ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޖަ ޖެނެރަލް ހިލްމީ ވިދާޅުވީ، ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތް ކުރުމާއި، ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި (ޚާއްސަކޮށް އަލިފާނުގެ ހާދިސާތަކުގައި) ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުން ފަދަ މަދަނީ ދިފާއީ ޚިދުމަތްތައް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި 2022 ގައި ބިންގާ އެޅުނު މި އިމާރާތުގެ މަސައްކަތް ލަސްވެފައިވަނިކޮށް، ރައީސްގެ ޚާއްސަ އިސްކަމެއް ދެއްވައިގެން އެ މަސައްކަތް އަވަހަށް ނިންމަވައިދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަޝްރޫޢުގެ މައިގަނޑު ސިފަތައް:
-
ފަންޑުކުރުން: ޖަޕާނު ސަރުކާރުގެ ފަންޑުގެ ދަށުން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.
-
އާލާތްތައް: މި ސެންޓަރަށް ބޭނުންވާ ޒަމާނީ އާލާތްތައް ހޯދުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ވަނީ ލިބިފައެވެ.
-
ވަސީލަތްތައް: އައު އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމަކާއި، ތަމްރީނުތަކަށް ބޭނުންވާ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނެއެވެ.
ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރާ މި މަރުކަޒު އެންމެ ފުރަތަމަ ފެށުނީ 2006 ވަނަ އަހަރު "ޖީއެމްޑީއެސްއެސް" ގެ ނަމުގައެވެ. އަދި 2012 ގައި މި މަރުކަޒުގެ ނަން "އެމްއާރުސީސީ" އަށް ބަދަލުކުރެވުނުއިރު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 3,713 ހާދިސާ ރިޕޯޓްކޮށް، 8,359 ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.




