މިއަހަރުގެ މިހާތަނަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް 1.2 ބިލިޔަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 1.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 9 އިންސައްތައިގެ އިތުރުވުމެކެވެ.
ސޮވެރިން ފަންޑަށް ފައިސާ ޖަމާވި މިންވަރު އިތުރުވެފައިވާއިރު، ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށް ކުރި ހޭދަވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ލޯނުތައް އަނބުރާ ދެއްކުމަށް 9.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދެއްކި 3.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 190 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، ސަރުކާރުން މިއަހަރު ދެއްކި 500 މިލިޔަން ޑޮލަރުގެ ލޯނު ދެއްކުމުގައިވެސް ބޭނުންކޮށްފައިވަނީ އެސްޑީއެފް ފަންޑުގައި ހުރި ފައިސާއެވެ.
2016 ވަނަ އަހަރު އުފެއްދި އެސްޑީއެފްއަކީ ކުއްލި ހާލަތްތަކާއި، އިޤްތިޞާދީ ލޮޅުންތަކުން ލިބޭ ގެއްލުން ފޫބެއްދުމަށާއި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ނަގާ ލޯނުތައް އަނބުރާ ދެއްކުމަށް އުފައްދާފައިވާ، މަރުކަޒީ ބޭންކުގެ ރިޒާވްއާ ތަފާތު ފަންޑެކެވެ. މި ފަންޑަށް ފައިސާ އެއްކުރަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި، އެމްއޭސީއެލްގެ ޑިވިޑެންޑް އަދި އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތަކުން ދައުލަތަށް ލިބޭ އާމްދަނީންނެވެ.




